ނޫސްވެރިކަމުގެ ދާއިރާއިން ބައިނަލްއަގުވާމީ އެވޯޑަކާއެކު ޒަމްއަތުގެ ކާމިޔާބީ އިތުރު ހަރުފަތަކަށް!

Facebook
LinkedIn
Telegram
WhatsApp
X

މިންތީގެ ހަމަހަމަނޫސްވެރިކަމަކަށް އަޅުގަނޑުމެން އަބަދުވެސް ގޮވާލާއިރު ރާއްޖޭގައި އަންހެނުން ނޫސްވެރިކަމުގެ ދާއިރާއިން ކުރިއަށް ދިއުމަށް ގިނަގުނަ ގޮންޖެހުންތައް އަދިވެސް ހުރިކަމީ ދެބަސްވެވެން ނެތް ޙަގީގަތެކެވެ. މީގެ 15 ވަރަކަށް އަހަރު ކުރިން ރާއްޖޭގެ ނޫސްމީޑިއާގައި އިސް ސަފުގައި މަސައްކަތް ކުރަމުން ގެންދިޔައީ މުޅިންހެން ފިރިހެނުން ނަމަވެސް ނޫސްވެރިކަމުގެ ދާއިރާގައި ފިރިހެނުންނާ އެއްހަމައެއްގައި މަސައްކަތް ކުރާ ހީވާގި އަދި ކެރޭ އަންހެން ނޫސްވެރިން މިހާރު މަދެއްނޫނެވެ. އެހެނަސް އެ މަގާމު ދިފާއުކުރުމަށް އަދި ވެސް ގިނަ ގޮންޖެހުންތަކާއި އަންހެނުންނަށް ކުރިމަތިލާން ޖެހޭކަމީ ހިތި އެހެނަސް ޙަގީގަތެވެ.

މިއަދު އަޅުގަނޑުމެން މިގެނެސް ދެނީ މިފަދަ ހިތްވަރުގަދަ އަންހެން ނޫސްވެރިއެއްގެ ވާހަކައެވެ. މިއަހަރު އިންޑިއާގެ މުމްބާއީގައި ބޭއްވި 4 ވަނަ ލާޑްލީ މީޑިއާ އެންޑް އެޑްވަޓައިޒިންގ (ޖެންޑަރ އެންޑް ސެންސިޓިވިޓީ) ގެ ސައުތު އޭޝިއާގެ ކެޓަގަރީން އެވޯޑު ހާޞިލް ކުރެއްވެވި ޒަމްޢަތު އަޙްމަދު ވަޙީދަކީ ގިނަ ބަޔަކު ދަންނަރައްޓެހި މޫނެކެވެ. ސައުތު އޭޝިއާގެ ނޫސްވެރިންގެ ތެރެއިން ފާހަގަކޮށްލެވޭ އަންހެން ނޫސްވެރިންނަށް ޚާއްޞަ ކޮށްގެން ދެވޭ ބައިނަލް އަގުވާމީ ފެންވަރުގެ މި ޚާއްޞަ އެ ވޯޑު ޒަމްއަތަށް ލިބިފައިވަނީ އަންހެނުން ކުރިއެރުވުމަށާއި މިންތީގެ ހަމަހަމަކަމަށް ވަކާލާތުކޮށް އަންހެނުން ކުރިއެރުވުމަށް ނޫސްވެރިއެއްގެ ގޮތުގައި ކުރެވުނު ފާހަގަކޮށްލެވޭ މަސައްކަތުގެ މައްޗަށެވެ.

ޚަބަރުކިޔުމާއި، ޚަބަރުލިޔުމުގައި 2006 ވަނަ އަހަރުން ފެށިގެން 16 އަހަރަށްވުރެ ދިގު މުއްދަތެއް މި ދާއިރާގައި ހޭދަކޮށްފައިވާ ޒަމްޢަތު އަޙްމަދު ވަޙީދަކީ ނޫސްވެރިކަމުގެ ދާއިރާގައި މެދުނުކެނޑި ދިގު މުއްދަތަކަށް ޚިދުމަތް ކުރަމުން އަންނަ ހީވާގި ނޫސްވެރިއެކެވެ. ނޫސްވެރިކަމުގައި، ޒަމްޢަތު އަޙްމަދު ވަޙީދުގެ ފާހަގަކޮށްލެވޭ އެންމެ މުހިންމު ދާއިރާތަކަކީ ޚަބަރު ކިޔުމާއި ޚަބަރު ލިޔުމެވެ. އެގޮތުން އިޖުތިމާޢީ ދާއިރާއިންނާއި އަންހެނުން ބާރުވެރިކުރުވުމާ ގުޅޭގޮތުން ގިނަ ރިޕޯޓްތަކާއި ޚަބަރުތައް ޒަމްއަތު ވަނީ ލިޔެ އަދި ހުށަހަޅާފައެވެ.

ނޫސްވެރިކަމުގެ ދާއިރާއިން މާސްޓަރސް ޑިގްރީ 2022 ވަނަ އަހަރު ހާސިލްކޮށްފައިވާ ޒަމްޢަތު ވަނީ ދިވެހިރާއްޖޭގެ އަޑާއި ޓެލެވިޒަން މޯލްޑިވްސްގައި ނިއުސްކާސްޓަރެއްގެ މަޤާމާއި، ދިވެހިރާއްޖޭގެ އަޑުގެ ނިއުސް ޕްރޮޑިއުސަރެއްގެ މަޤާމުގެ އިތުރުން އެސިސްޓެންޓް ޖާރނަލިސްޓެއްގެ މަޤާމާއި އެސިސްޓެންޓް ޕްރެޒެންޓަރ ޕްރޮޑިއުސަރގެ މަޤާމު، އަދާކޮށްފައެވެ.

މީގެ އިތުރުން ވީމީޑިއާގެ ސީނިއަރ އެޑިޓަރގެ މަޤާމާއި ރާއްޖެ ޓީވީގެ ނިއުސް އެޑިޓަރގެ މަޤާމާއި ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ މީޑިއަރ އޮފިސަރގެ މަޤާމުވެސް ޒަމްއަތު ވަނީ އަދާކޮށްފައެވެ. މި މަސައްކަތާއެކު ފްރީލާންސްކޮށް ޒީޓައިމްސްގެ ލިޔުންތެރިއެއްގެ ގޮތުގައްޔާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ މެގަޒިން، އައްޑަނަ މަޖައްލާއަށް ޒަމްއަތު ވަނީ މަސައްކަތް ކޮށްދީފައެވެ.

2022-2024 ޖެނުއަރީއަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ޕަބްލިކް ރިލޭޝަންސް އޮފިސަރގެ މަޤާމާއި އެކްޓިންގ މެނޭޖަރގެ މަޤާމްއަދާކުރުމަށް ފަހު 2024 ޖެނުއަރީން ފެށިގެން ޒަމްއަތު ދަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ އިސްލާމިކް ސްޓޫޑިއޯގެ ސީއީއޯގެ މަޤާމް އަދާ ކުރަމުންނެވެ.

އާދައިގެ ނޫސްވެރިއެއްގެ މަގާމުން މިއަދު އާދެވިފައި ހުރި މަގާމާ ހަމައަށް ވާޞިލްވެވުމުގައި ގިނަ ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހުނު ނަމަވެސް ފަސް ޖެހުމެއްނެތި ޒަމްއަތު ގެންދިޔައީ ދާއިރާގައި ކުރިއަށެވެ. އަދި ނޫސްވެރިކަން ކުރިއެރުވުމަށްޓަކައި، ތަފާތު ފޯރަމްތަކުގައި ބައިވެރިވެ، ނޫސްވެރިންނާއި ދާއިރާއަށް ވަންނަން ބޭނުންވާ ފަރާތްތަކަށް ނޫސްވެރިކަމާއި، ޕްރެޒެންޓިންގއާ ގުޅޭ ތަފާތު މަޢުލޫމާތުތައް ފޯރުކޮށްދީ، ނޫސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ޒަމްއަތު ވަނީ ފާހަގަ ކޮށްލެވޭ މަސައްކަތްތަކެއް ކޮށްފައެވެ. މިގޮތުން ކުރެވުނު އެއް މަސައްކަތެއްގެ ގޮތުގައި ދަރިވަރު ނިއުސްގެ ވުޖޫދަށް ގެނައުމަށްޓަކައި އެ ޗެނަލްގެ ހުރިހާ ޕްރެޒެންޓަރުންނަށް ޚަބަރު ކިޔާނެ ގޮތާއި ޚަބަރު ހަދާނެގޮތް ކިޔައިދީ ދެވުނު ތަމްރީނު ފާހަގަ ކޮށްލެވެއެވެ.

އެ ތަޖުރިބާ ކުރުމަށް އެންމެ ބޮޑު އެއްބާރުލެއްވުމެއްދެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި، ޑެޕިއުޓީ މިނިސްޓަރ ޢަލީ އަޙްސަން. ޚާއްސަކޮށް ޢަލީ އަޙްސަން ދެއްވި ލަފައާއި އިރުޝާދު އަޅުގަނޑު ޝުކުރުވެރިކަމާއެކު މިފުރުސަތުގައި ފާހަގަކުރަން. ހަމަ އެފަދައިން އެކަން ކާމިޔާބުކުރުމަށް ޙައްޖު މިޝަންގައި ވަޑައިގެންނެވި އިސްލާމިކް މިނިސްޓްރީގެ އިސްވެރިންނާއި މިޝަންގެ ހުރިހާ މެންބަރުގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެން ދިޔަކަންވެސް ފާހަގަކުރަން. ކަވަރޭޖް ދިނުމަށް ސަޢޫދީ ޢަރަބިއްޔާގައި ހޭދަވި 45 ވަރަކަށް ދުވަހު ދަރިފުޅުގެ ކަންކަމާ ޙަވާލުވެ، މަންމަ ނެތްކަމުގެ އިޙްސާސްނުކޮށްދީ ދަރިފުޅު ބެލެހެއްޓުން އެއީ ދަރިފުޅުގެ ބައްޕައަށް ހިތުގެ އެންމެ ފުންމިނުން އަޅުގަނޑު ޝުކުރުވެރިވާކަމެއް”

މިއަދު ކާމިޔާބު މީހެއްގެ ގޮތުގައި ޒަމްޢަތު ހިމެނުމުގެ ސިއްރަކީ، އަންހެނަކަށްވުމުން ކަންކަން ނުވާނެކަމަށް ބުނާ ބުނުން ބަދަލުކުރުމަށް ހިތްވަރާއެކު އޭނާ ކުރަމުންދާ މަސައްކަތެވެ. މި މަސައްކަތަށް ބާރުދިނުމަށްޓަކައި ލީޑަރޝިޕް ކޯޗިންގ ކޯސްހެދުމަށްފަހު އާންމުން ހޭލުންތެރިކުރުމަށް، ޚާއްސަކޮށް އަންހެނުން ބާރުވެރިކޮށް ހޭލުންތެރިކުރުމަށް އޭނާ ދަނީ ކެނޑިނޭޅި މަސައްކަތްކުރަމުންނެވެ.

ޒަމްއަތުގެ މެސެޖަކީ، އެކަނިވެރިމަޔަކަށްވިޔަސް، ނުވަތަ ކޮންމެ ހާލަތެއްގައި އުޅެންޖެހުނަސް، ގަދައަޅައި މަސައްކަތްކޮށްފިނަމަ ކާމިޔާބީއަކީ ވަރަށް ކައިރީގައި އޮތްކަމެއްކަމެވެ. އެކަމަށްޖެހޭނީ ކުޑަކުޑަ ހިތްވަރެއްލާށެވެ. ހިތްވަރު ހޯދުމަށްޓަކައި އަމިއްލަ ނަފްސަށް އަޅާލައި، އެމީހެއްގެ އެންމެ ޝައުގުވެރިވާ ދާއިރާތަކުން ކިޔެވުން ކުރިއަށް ގެންދިއުމަށް ޒަމްއަތު ހުރިހާ އަންހެނުންނަށް ހިތްވަރުދެއެވެ.

ލިޔުންތެރިޔާ

އަޅުގަނޑުމެންނަށް އެހީތެރިވުމަށް

ފަހުގެ ލިޔުންތައް